ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އެ ދުވަހުގެ ޖަލްސާގައި، އެމްޑީޕީގެ ސަރުކާރުގައި ”އިންޑިއާ އައުޓް“ ލިޔެފައިވާ ޓީޝާޓެއް ތުރުކުރެއްވިތޯ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވީ އެފަދަ ޓީޝާޓެއް ތުރު ކުރައްވައިފައި ނުވާނެ ކަމަށެވެ.
އެހެންނަމަވެސް، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ ކަމަށް މިނިސްޓަރު ހަލީލު ވަނީ ވިދާޅުވެފައެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ ”އިންޑިއާ އައުޓް“ ޓީޝާޓް ތުރުކުރައްވައިގެން ހުއްޓާ ނުފެންނާނެ ކަމަށް ވިދާޅުވެ ހަލީލު ހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ.

