މީޑިއާތައް ރެގިއުލޭޓް ކުރުމަށް ވަކި ކޮމިޝަނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމަށް ބުނެ، ބިލު ބޭރު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ގޮވައިލައިފިއެވެ.
އެ ކައުންސިލުން ބޭރު ކުރުމަށް ގޮވައިލައިފައި ވަނީ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލެކެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަންނާނު ހުށަހެޅުއްވި ބިލާ ގުޅިގެން ނުހަނު ކަންބޮޑުވުން އެބައޮތް ކަމަށެވެ.
އެގޮތުން ބިލު ފަރުމާކޮށްފައި ވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށާއި، މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު އެއްކޮށް ބަދަލުކޮށް، އެ އިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ބަޔަކަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށް އެމްއެމްސީން ބުނެއެވެ.
”މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން، އަދި މެމްބަރުން ވަކި ކުރުމުގެ ބާރު ދީފައި އޮތްގޮތުން، މީޑިއާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭނެ ކަމަށް މި ކައުންސިލުން ދެކެމެވެ.“ މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ނޫސްވެރިން ފަތުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައިވާކަން ފާހަގަކޮށް، އެމްއެމްސީން ބުނީ، ބިލު އެކުލަވާލެވިފައި ވަނީ އެ ހައްގު ވެސް ނިގުޅައިގަނެވޭނެ ގޮތަށް ކަމުގައެވެ.
އަދި މި ބިލުގައި މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ހިމެނޭ ބައިތައް ސާފު ނުވާތީ، ބޭނުން ގޮތަކަށް މާނަކޮށްގެން، ނާޖާއިޒު ފައިދާ ނެގޭނެ ކަމަށާއި، މިކަމުގެ ސަބަބުން އަދުލުވެރިކަމެއް ނެތި، މީޑިއަތަކަށް ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.
ަހަންނާނު ހުށަހެޅުއްވި މީޑިއާތައް ރެގިއުލޭޓު ކުރާ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިއްބަވާނީ ހަތް މެންބަރުންނެވެ.
އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.
ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން(ސީ.އެސް.އސީ) އިން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

