ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހިމަންދޫ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނެރުގެ މައްސަލައިގެ އިތުރުން، ރަށުގެ ގިރާސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން ކައުންސިލުން ވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފައްޓަވައިދެއްވުމަށާއި، ހެލްތު ސެންޓަރުން ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހިމަންދޫ ސުކޫލުގެ ޕުރިންސިޕަލް ވަނީ، ސްކޫލުގެ ޖާގައިގެދަތިކަން ފާހަގަކުރައްވައި 12 ކްލާސްރޫމްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ހަމައެއާއިއެކު ހިމަންދޫ އ.ތ.މ ކޮމިޓީއިން ވަނީ ހޭންޑް ބޯލް ކޯޓެއްބޭނުން ވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހިމަންދޫގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި އެކިކަންކަމަށް ހައްލު ހޯދުމުގައި މިހާރު ކުރައްވަމުންދާ މަސައްކަތްތައް ވެސް ވަޒީރުން ހިއްސާކުރެއްވިއެވެ.