ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމުގައެވެ.

”މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް އިލްތިމާސްކުރަމެވެ.“ ބަޔާނުގައިވެއެވެ.

ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އެ ބަޔާނުގައި ގޮވައިލައިފައިވެއެވެ.

މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުމަށާއި، ކުއްލި ހާލަތެއްގައި 911 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.