އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުންފެށެންވާއިރަށް އ.އ ހިމަންދޫ ސްކޫލްގެ ކްލާސްރޫމް އިތުރުކުރުމަށް ހަދަމުންދާ އިމާރާތް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާތާރުގެ ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން ހިމަންދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ހިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާ، އެމަސައްކަތާއި އެކީ ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

