އ.އ މާޅޮހު ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށްޓަކައި މުޅިން އާ އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެރަށުގެ ސިއްހީ މަރުކަޒުގައި ބަލިމީހުންނަށް ހިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
އެ މަޝްރޫއު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ހިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، މާޅޮހުގެ ތަރައްގީއަށް މުހިންމު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
އެއީ މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ.
މި މަޝްރޫއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްގީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.
ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫއުއެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

