ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިއުލާންކޮށްފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިސްލާމިކް ޝަރީއާ ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެއްކޮށް ސްޕޮންސަރޝިޕް ދިނުމަށް ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޕީއެޗްޑީ ޕްރޮގުރާމަށް ވީހާވެސް ގިނަ އިމާމުން ކުރިމަތި ލައްވާ ފުރުސަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށާއި މި ކޯހަށް ހޮވޭ އިމާމުންނަށް ކޯސް ޚަރަދުގެ އިތުރުން ޕޮކެޓް މަނީވެސް ދެވިގެންދާނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެއްކަމަށާއި އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުސަތު ހުޅުވާލިކަމަށްޓަކައި ޤައުމީ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އިމާމުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް މި ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިހާތަނަށް 100އަށްވުރެ ގިނަ އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ވަނީ ހޯދައިދީފައެވެ.

