އަދާލަތު ޕާޓީ އޮންނާނީ ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް އައްޝެއިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއަށް 20 އަހަރު ފުރުމާ ގުޅިގެން، އެ ޕާޓީގެ ރަސްމީ އެކްސް ހޭންޑްލްއިން މިއަދު ވަނީ ކުރީގެ ހޯމް މިނިސްޓަރު އިމްރާންގެ ވީޑިއޯ މެސެޖެއް އާއްމުކޮށްފައެވެ.

މި މެސެޖުގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގައި މެދުކެނޑުމެއްނެތި އަދާލަތު ޕާޓީގެ ފަރާތުން އިޖުތިމާއީ، ދީނީ، އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ އަދާލަތު ޕާޓީގެ މެންބަރުންގެ މިންނެތް މަސައްކަތުން ކަމަށާއި ޕާޓީގެ އިދާރީ ގުނަވަންތަކާއި މެންބަރުންގެ ރޫހާއި އިހުސާސްތަކާއި ގުޅި ލާމެހިގެން ހިންގުނު ކޮންމެ ޙަރަކާތަކީ އެމައްޗަށް ފަހުރުވެރިވުން ހައްގު މަސައްކަތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

”މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަހުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއްނެތި ރާއްޖެއަށް ހިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،“ އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީ ފާހަގަކުރެވިފައި ވަނީ، ވެރިކަމަށް އަންނަ ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހަދާ ޕާޓީއެއްގެ ގޮތުގައެވެ.