ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ”ކޯފްސީ“ ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އެލާރޓެއްގައި ބުނީ، ރާއްޖޭގެ މާކެޓުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ކޮލިޓީ ބެލުމަށް ކުރިއަށްގެންދިޔަ، ބޭހުގެ މާކެޓް ސަރވައިލެންސްގެ ތެރެއިން ކެއްސާތީ ކުޑަކުދިންނަށް ދެމުން އަންނަ ބޭހެއްކަމަށްވާ ”ކޯފްސީ“ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން މިމަހުގެ 20 ފެށިގެން މިބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފައިވާކަމަށް އެއޮތޯރިޓީން ބުނެއެވެ.

މިއާއެކު ފާމަސީތަކުގައި މިބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސް ނައްތާލުމުގެ މަސައްކަތް ކުރުމަށް އެއޮތޯރިޓީން ވަނީ ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގާއެވެ.

މި ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީން ބުނެއެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރެއެވެ.