މީޑިއާ ކޮމިޝަން ބިލާ ގުޅިގެން ހަމަނުޖެހުން އުފައްދަން ގޮވައިލި ކަމަށް ތުހުމަތު ކުރެވޭ އައްޑޫ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ މީހުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އާނިމްގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމުގެ ކުށާއި، ޤާނޫނުލްއުޤޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލު ހިންގުމުގެ ކުށާއި، ކުށެއް ކުރަން އުޅުމުގެ ކުށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި، އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރުމަށް ހުށަހަޅާފައިވެއެވެ.

