މުއްސަނދިކަން ހޯދަން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނީ ދީނުގެ ހަމަތަކުގެ މަތިން، އެ މަސައްކަތް ކުރިއަށް ގެންދިޔުމުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އ.އ އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އުޅޭގޮތާ ގުޅޭ މެސެޖެއް، ކުޑަކުދިންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވަނީ ކުޑަކުދިންތަކެއް އެމަނިކުފާނަށް ދިން ސިޓީއެއްގައިވާ ވާހަކައެއް ރޭގެ ޖަލްސާގައި ވިދާޅުވެދެއްވައިފައެވެ. ލޯކަލް ޓޫރިޒަމަށް ަމަޝްހޫރު އުކުޅަހުގެ ކުދިންތަކެއް ދިން އެ ސިޓީގައި ވަނީ، ފަތުރުވެރިން ރަށަށް އައިސް އުޅޭގޮތާމެދު ކަންބޮޑުވުންފާޅުކޮށްފައެވެ.

”ކޮއްކޮމެން ބޭނުން ބީޗަށް ދާން، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް، ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،“ ކުރެހުމަކާ އެކު ކުޑަކުދިން ދިން މެސެޖުގައި ލިޔެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރުގައި ދިވެހީންގެ އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭ ކަމަށެވެ.

އަދި، މުއްސަނދިކަން ހޯދަން މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބަރަކާތް ލައްވާނީ އިސްލާމް ދީނުގައި ބުނެދޭ ހަމަތަކުގެ މަތިން ކުރިއަށްދިޔުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ އިހުތިސާސް މިންކޮށް، 700 މީޓަރު އެޅޭ ހިސާބުގައި ސަފާރީއެއް ބާއްވައިގެން، އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސް ރާ ވިއްކައި، ރާ ދީގެން އަނެއްކާ އަނބުރާ ރަށަށް ގެނައުން ފަދަ ކަންކަން ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގައި އެގޮތަށް ކަންތައް ކުރި ނަމަވެސް، އެއީ ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ގޮތެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް މުއްސަނދިކަން ހޯދުމުން ލިބޭ އެއްޗެެއްގައި ބަރަކާތްނުލައްވާނެކަން ރައީސް ތަކުރާރުކުރެެއްވިއެވެ.