މައިންބަފައިންނަށް ބުނެވޭ ބަސްތަކަކީ ދަރިންގެ ހިތްތަކުގައި ބިންވަޅު ނެގިގެންދާނެ ބަސްތަކެކެވެ. އެހެންކަމުން ދަރިންނާ އަބަދުވެސް ލޯބިން މުހާތަބު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަދި ނަސޭހަތް ދޭއިރު، އަޑުލައި، ހަޅޭލެވުމުގެ ބަދަލުގައި، މަޑުމައިތިރިކަން އިސްކުރުންވެސް އެހާމެ މުހިންމެވެ.

މި ހިއްސާކޮށްލަނީ ދަރިންގެ ހިތުގައި މައިންބައިންނަށް އޮންނަ ލޯބި އިތުރުކޮށް، އެކުދިން ހިތްހަމަޖައްސައިދިނުމަށް ކޮންމެ ދުވަހަކުވެސް ބުނެވިދާނެ ބައެއް ބަސްތަކެވެ.

 

”ތިއީ މަންމަ/ބައްޕަ އަށް ލިބުނު ނިއުމަތެއް“

މިފަދަ ބަސްތައް ދަރިން ކައިރީގައި ބުނާނަމަ، އެކުދިންނަކީ މަންމަ އާއި ބައްޕައަށްވެސް މުހިންމު ބައެއް ކަމުގައި އަބަދުވެސް ގަބޫލު ކުރެވޭނެއެވެ. މަންމައާއި ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވާކަމުގެ އިހުސާސް ކުރެވޭނެއެވެ. މި ބަސް ދަރިން ކައިރީގައި ގިނަ ގިނައިން ބުނާށެވެ.

 

”ދަރިފުޅަށް ނުވާނަމަ، މިކަން އެހެން މީހަކަށް ނުވާނެ“

މިއީ ދަރިފުޅަށް މުހިންމު ކަންކަން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެވިދާނެ ބަހެކެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދަރިންނަށް ހިތްވަރު ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

 

”ތިދިން އެހީތެރިކަމަށް ޝުކުރިއްޔާ“

ކިތަންމެ ކުޑަ ކަމެއްގައިވެސް، ދަރިން ތިބާއަށް އެހީތެރިވެއްޖެނަމަ، އެކަން ބަލައިގަނެ ޝުކުރުވެރިވައްޗެވެ. މިއީ ދަރިންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާނެ ކަމެކެވެ. އަދި މައިންބަފައިންނަށް އެހީވުމަށާއި، އެހެން މީހުންނަށް ވެސް ޝުކުރު އަދާ ކުރުމަށް އާދަކޮށްދޭނެ ކަމެކެވެ.

ެ

”ދަރިފުޅު ދެކެ ވަރަށް ލޯބިވޭ“

ދަރިން ދެކެ ލޯބިވާކަން އެކުދިންނަށް އަބަދުވެސް ހަނދާންކޮށްދޭށެވެ. މި ވާހަކަ ބުނުމަކީ މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް ދަރިން ކުޑައިރު، ލޯބިވާ ވާހަކަ ގިނައިން ބުނުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ވަރަށް ވެސް ބޭނުންތެރި ކަމެކެވެ.

”ހުރިހާ ކަމެއްވެސް ރަނގަޅުވާނެ“

ދަރިން ދެރަވާފަދަ ކަންކަން ދިމާވުމުން، އެކުދިންނަށް ހިތްވަރުދޭން ތިބި ބަޔަކީ މައިންބަފައިންނެވެ. އެހެންކަމުން ދެރަކަމެއް ދިމާވިޔަސް، މާތްﷲގެ އިރާދަފުޅުން، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނެ ހިތްވަރުގެ ބަސްތައް ބުނުމަކީ މުހިންމު ކަމެކެެވެ.