މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއިން (އެމްޕީއެލް) ކުރިއަށްގެންދާ ތިލަފުށީ ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޭވިއޭޝަން މުހައްމަދު އަމީން ބައްލަވައިލައްވައިފިއެވެ.
އެމްޕީއެލްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިނިސްޓަރު އަމީންގެ މި ޒިޔާރަތުގައި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވަނީ މި މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރު އަމީންއާ ހިއްސާ ކުރައްވައިފައި ކަމަށެވެ.
އަދި ތިލަފުށީ ޕޯޓުގެ މަސައްކަތަށް އިތުރަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތު ވެސް މިނިސްޓަރަށް އަރުވައިފައިވާ ކަމަށެވެ.

މިނިސްޓަރު އަމީންގެ ޒިޔާރަތުގައި، މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މިގޮތުން ފެސިލިޓީސް އެންޑް މެއިންޓަނަންސް ޑިޕާރޓްމަންޓްގެ އިސްވެރިޔާ ސީނިއަރ ޖެނަރަލް މެނޭޖަރު ޒައީމް ޒިނާހް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ މުހައްމަދު އަމީޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ތިލަފުށި ޕޯޓުގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޕީއެލްއިން ކުރިން ބުނެފައިވެއެވެ.
ތިލަފުށީ ޕޯޓަކީ އެއްފަހަރާ 1600 އާއި 1800 އާ ދެމެދުގެ ބަރުކޮށްފައިވާ ކޮންޓެއިނާ ރައްކާކުރެވި އެތަނުގައި ހިދުމަތްދެވޭނެ ތަނެކެވެ.

