ހަ ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.

އެ ހަ ރަށުގެ ތެރެއިން ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރީ އެމްޓީސީސީއާއެވެ.

އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ.

އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީއާ ހަވާލުކުރީ ކ. ހުރާ ސިއްހީ މަރުކަޒާއި އދ. ދިއްދޫ ސިއްހީ މަރުކަޒާއި ކ. ކާށިދޫ ސިއްހީ މަރުކަޒު އަދި ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހެދުމުގެ މަސައްކަތެވެ.

ދެ ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާއެވެ.

އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހއ. މާރަންދޫ ސިއްހީ މަރުކަޒު އަދި ހއ. ބާރަށު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްތަކެވެ.

އެ މަސައްކަތްތަކުުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ މަސައްކަތް ހަވާލުކުރީ ޗާޓާ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.