”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން އިމާރާާތްކުރި 4،000 ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން 1،826 މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިހާތަނަށް 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށް، އޭގެ ތެރެއިން 1،826 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެއީ މިހާތަނަށް ސޮއިކުރަން ތާވަލުކުރި އެއްބަސްވުންތަކުގެ 65.8 ޕަސެންޓެވެ. އަދި 4،000 ފްލެޓުގެ ތެރެއިން 45.7 ޕަސެންޓެވެ.
މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00 އާއި ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.
އެފްޑީސީން ބުނީ ފްލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.

