ރާއްޖޭހައި ބާއްވާ ބައިނަލްއަގުވާމީ ޒަކާތުގެ ދެވަނަ މަހާސިންތާ މިއަދު ފަށައިފިއެވެ.
ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މަހާސިންތާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގައެވެ.
ޒަކާތުގެ ދެވަނަ މަހާސިންތާ ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަސިޓީގެ އެސޯސިއޭޓް ޑީން ފޮ ސްޓޫޑެންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން ޑރ. އާއިޝަތު މުނީޒާއެވެ.
ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ.
މީގައި އިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވެއެވެ.
މި މަހާސިންތާގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފަ އިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ.
އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ-އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީ ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މި މަހާސިންތާގައި މަޝްވަރާ ކުރާނެއެވެ.
މަހާސިންތާއި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިއާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެއެވެ.
އެގޮތުން ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.

