ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:

1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:

ފަޟީލަތުއްޝައިޚް އިސްމާއީލް މުހައްމަދު މއ. ފީރޯޒްވާދީ

2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:

މުހައްމަދު މައުރޫފް ޖަމީލް މ. ދޫރެސް

3- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން:

އަލްމަރްހޫމް މުހައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 9 ބޭފުޅުންނާއި ކުންފުންޏަކީ:

1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން:

އަލްފާޟިލާ ހުސްނާ ފަހްމީ މ. އަފްޒާ

2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:

އަލްފާޟިލާ އިއްޒަތު އަހުމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ

3- ސިއްހީ ދާއިރާއިން ޞިއްޙީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން

ޑޮކްޓަރ އަބްދުލްއަޒީޒް ހަމީދު ފިނިފެންމާގެ، ފ.ނިލަންދޫ

4- ސިއްހީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން

އަލްފާޟިލާ ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ

5- އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން

އަލްފާޟިލާ ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު

6- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން

އަލްފާޟިލް އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ

7- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ

8- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން

އަލްފާޟިލް ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ

9- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން

އަލްފާޟިލް މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ

10- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން

އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.