އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް މުއއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.
ބިންގާ އަޅުއްވައިދެއްވީ މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމްއެވެ.
ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ ކަޅުއޮތްފުންމީގެ ހަ ބަތަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭ ގޮތަށެވެ.
އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަތަލުންނެވެ. ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަތަލުން ދިވެހި ގައުމަށް ކުރެއްވި ހިދުމަތްތަކުގެ ފަނޑުވުމެއް ނެތް ހަނދާންތަކެވެ.

