ކޮންމެ ދިވެއްސަކީވެސް، ގައުމުގެ އަބުތާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ގައުމަށްޓަކައި އީމާންތެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން، އެގޮތުގައި ކުރިއަށް ދިއުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިހުލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްގީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްގީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައެވެ.

ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި، އެ ފަދައިން އަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީވެފައިވާ، އަމާން އަދި އުފާވެރި ގައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަގީގީ ގައުމިއްޔަތަކީ ކޮބައިކަމާއި، ޤައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.

ގައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާ، ނަމަވެސް ހަގީގީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިތުގައި ގައުމިއްޔަތު އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި މި ކަމުގައި އަދުގެ ޒުވާނުންގެ މައްޗަށް އޮތް ޒިންމާތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ގަގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އެރުވި، އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް އަބްދުއްރަހުމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި، އެ ބޭފުޅާގެ ހިދުމަތަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.