ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ސްކޭމްތަކެއް ހިންގަމުން ދިޔަ މީހަކު ފުލުހުން އަތުލައިގެންފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ، މީދޫ ފުނޯސް، ޢަބްދުﷲ މިލްހާން، 33އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނަ ހައްޔަރުކުރީ އިއްޔެ މީދުން ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާ ކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއް ދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވެއެވެ.
ފުލުހުން ބުނީ މިލްހާނު ހިންގި ތިން ސްކޭމެއްގައި 16،000ރ. ރުފިޔާ މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

