ގައުމު ކުރިއަރާނީ އެންމެން އެއް ވިސްނުމެއްގައި ގައުމު އިސްކޮށްގެން ކަމަށާއި، ދިވެހީންގެ ކިބައިގައި ކުރިން ހުރި ރީތި ސިފަތައް އިއާދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަގީގީ ކުރިއެރުމަކީ ސިކުނޑި ތަރައްގީވުން ކަމަށާއި ގައުމިއްޔަތު އަޅުގަނޑުމެންގެ ހިތުގައި އާލާކޮށް، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ރައީީސް ވިދާޅުވިއެވެ.
”އޭރުން ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ. ގައުމު، ގައުމުގެ ގޮތުގައި ކުރިއަށްދާނީ، އެގޮތަށް އެންމެން އެއް ވިސްނުމެއްގައި، ގައުމީ ވިސްނުމުގައި، ގައުމު އިސްކޮށްގެން. އަޅުގަނޑުމެންގެ މާޒީގައި، އަޅުގަނޑުމެންގެ ގައުމުގައި ހުރި ރީތި އާދަތައް، ދިވެހިވަންތަކަން، ދިވެހި ގައުމިއްޔަތުގައި ހުރި ސިފަތައް، އެ އައިޑެންޓިޓީ އެގޮތުގައި ހިމާޔަތްތެރިކަމާއެކީ، ރައްކާތެރިކަމާއެކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ، ކޮންމެ ދިވެހި ރައްޔިތަކު އަދާކުރުމަށް މަސައްކަތްކުރަން ފަށައިގެން. އެއީ، އަޅުގަނޑުމެން މިއަދު އަޒުމް އާކުރަންވީ ކަމަކީ. އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައަކީ.“ ރައީީސް ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ ދިވެއްސަކަށްވީތީ ފަހުރުވެރިވާ އެތައް ސިފައެއް ކުރިން ދިވެހީންގެ ކިބައިގައި ހުރި ކަމަށެވެ.
އެގޮތުން މައިންބަފައިންނަށް އިހުތިރާމު އަދާކުރުމާއި، އަވަށްޓެރިންނަށް އޯގާތެރިވުމާއި، އިސްރަށްވެހިންނަށް ހެޔޮކޮށްހިތާ، ކުޑަކުދިންނަށް އަޅާލުން ހިމެނޭ ކަމަށާއި، އެ ސިފަތައް އިއާދަ ކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ
”އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ޢިއްޒަތަކާއި، އަބުރަކާއި، ޝަރަފަކާ ލިބިފައިވާ ފަދައިން، އަނެކާއަށްވެސް ހަމަ އެވަރަށް އަބުރާއި، ޢިއްޒަތާއި ޝަރަފް ލިބިގެންވާކަން ގަބޫލުކޮށް، މީގެ ކުރީގައި ދިވެހިވަންތަކަން މި ޤައުމުގައި އޮތްއިރު، ދިވެހިވަންތަކަށް ފުރިހަމަކަމާއެކީގައި، ރިވެތި ސިފަތަކާއެކީ އޮތްއިރުގައި، މި ދެންނެވި ސިފަތައް އޮތްއިރުގައި އޮތްގޮތަށް، ކަންކަން ކުރަން އަޒުމް އާކުރަންވީ.“ ރައީީީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަނެކާގެ އިއްޒަތާއި، އަބުރާއި ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ މިނިވަންކަމެއް ވެސް ނޫން ކަމަށެވެ.

