ބާރު ދުވެލީގައި ހދ. ފިނޭގައި މިހާރު ކުރިއަށްދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ގިނަ ބަދަލުތަކެއް ގެނެސްދިނުމަށް ރައްޔިތުން އެދިވަޑައިގެންފައިވާކަމަށާ، ބަނދަރުގެ މަސައްކަތް ނިންމައިދޭނީ، ރައްޔިތުން އެދިވަޑައިގެންނެވި ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެންނެވުމަށްފަހުގައިކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް.މިފަދައިން ވިދާޅުވެ، ޔަގީންކަން ދެއްވާފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މި މަޝްރޫޢަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަމާއި، އޭގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހިމެނޭކަންވެސް ފާހަގަކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖުޓުގައި މިކަންކަން ހިމަނުއްވައި، ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަން ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދެއްވާފައެވެ.
އެގޮތުން، އެފަދަ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްގީ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން، ފިނޭގެ ރައްޔިތުންނަށް، ރައީސް ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރަށުގެ ސްކޫލު ހުރި ސަރަޙައްދު ބަދަލުކުރުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއީ ޚުދު އެމަނިކުފާނަށްވެސް ގަބޫލުފުޅުކުރެއްވޭ، ދެކޮޅުޖެހޭ ކަމެއް ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މިކަމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމާއި، ފުލުހުންގެ މަރުކަޒު ޤާއިމުކުރުމާއި، ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަންވެސް ކުރިއަށް އެބަހުރިކަމަށާއި، ހަކަތައިގެ ދާއިރާއިންވެސް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

