ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. ހަނިމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓަކާއި ހަނިމާދޫ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ލެބޯޓްރީ ވަސީލަތްތައް ގާއިމު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ރަށުގެ އިގްތިސާދު ހަރުދަނާކުރުމަށް ކުރެވިދާނެ އެކި ކަންކަން ކައުންސިލުން ހުށަހަޅާފައިވެއެވެ.

އެގޮތުން ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރަށުގައި ޑޮލަރު ނެގޭނެ ގޮތަކާއި އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް އެ ސަރަހައްދަށް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.