ހދ. ހަނިމާދޫ ސްކޫލުގެ އާ އިމާރާތް ހެދުމާއި އުމްރާނީ ތަރައްގީތައް ގެނައުމުގެ މަޝްރޫއު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު އެފްޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރޭ ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝަރީފް މުހައްމަދެވެ.
އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާނެވެ.
ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްގެންދާނީ އަށް ކްލާސްރޫމާއި ލައިބްރަރީއާއި އާ ސްޓާފްރޫމާއި ސައިންސްލެބާ އިތުރު ކަންކަން ވެސް ހިމެނޭގޮތަށް ކަމަށެވެ.

