ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ޕީޕީއެމް އޮފީސް ކައިރީގައި އެއްވެ ޝުއޫރު ފާޅު ކުރަމުން އެބަދެއެވެ.
މި އިހްތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
އެއްވުމުގެ ބައިވެރިންގެ ތެރެއިން ދެ މީހެއްގެ މޫނަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާފައިވާއިރު، އެދެމީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަދި މިރޭގެ އެއްވުން ކަވަރު ކުރަމުން އަންނަ ބައެއް ނޫސްވެރިންނަށްވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
މިރޭގެ އެއްވުމަށް ފުލުހުން ހުރަސް އަޅަމުން އަންނައިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ ބެނާތައް ހަރު ކުރަމުން އަންނަ މީހުންނާއި، އެކި ގޮތްގޮތުން މި ކެމްޕެއިނުގައި ބައިވެރިވާ މީހުން ފުލުހުން އަންނަނީ ހައްޔަރުވެސް ކުރަމުންނެވެ.
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އިންޑިއާ އައުޓް ހަރަކާތް ވަނީ ވަަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވުރެވެސް މުހިންމީ، އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތްކޮށް، ގައުމުގެ މިނިވަންކަން އަލުން ހޯދުމެެވެ.