ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަށް އެންމެ މަސް ދުވަސްތެރޭ 10،000 މެމްބަރުން އަލަށް ގުޅުމަކީ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އޮތް ”އާދަޔާ ހިލާފު“ ތާއީދު ހާމަކޮށްދޭ މެސެޖެއް ކަމަށް އައިލޭންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިފަދައިން ވިދާޅުވީ، ރައީސް ޔާމީން ޓެގް ކުރައްވައި، އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޕީޕީއެމުން އިއްޔެ ވަނީ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެސް ކޮށްފައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގުއާ އެ ފޯމްތައް ހަވާލު ކުރެއްވީ، އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 33،264 މެމްބަރުންނެވެ.

އެ ޕާޓީއަކީ ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއެވެ. އެންމެ ގިނައިން މެމްބަރުން ތިބި އެމްޑީޕީގައި 58،840 މެމްބަރުން އެބަތިއްބެވެ.

”މަވެސް ޕީޕީއެމް“ މިނަމުގައި، މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ޕީޕީއެމުން ދަނީ ކުރިއަށް ގެންދަމުންނެވެ.