ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، އަލީ މަނިކު (57އ)އެވެ.
މީނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވެއެވެ.
އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

