އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވަން އުޅޭ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ މުޒާހަރާއެއް ކަމުގައި ދެކިގެންނުވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށާއި، އެއީ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއެއް ކަމަށެވެ.
އެއީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ޖެހޭ މުޒާހަރާއެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ވެރިކަމުގައި، އެމަނިކުފާނު އެމްޑީޕީއާ ފެއަށް ޖެހިވަޑައިގެން، އައު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ”ދަ ޑިމޮކްރެޓްސް“ އުފައްދަން ޖެހުނު މައިގަނޑު އެއް ސަބަބަކީ، އެ ޕާޓީގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވުން ކަމުގައި ނަޝީދު އޭރު ގެންދެވީ ވިދާޅުވަމުންނެވެ.
ނަޝީދާ އަރިސް، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަދި އޭރުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވެސް ވިދާޅުވެފައި ވަނީ، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދަން ޖެހުނު މައިގަނޑު ސަބަބަކީ ހިފެހެއްޓުމެއްނެތި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިތުރުވުން ކަމަށެވެ.
މީގެ އިތުރުން، ވައްކަމާއި ކޮރަޕްޝަން ބަލަން އައި ސަރުކާރެއްކަމަށް ބުނެ އައުމަށް ފަހު އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުކޮށްލައި އަދި ވައްކަމުގައި ފަސް އަހަރު ހޭދަކޮށްފައިވާތީ މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ގައުމުގެ ހަމަޖެހުން ނުލިބޭނެ ކަމަށް ވެސް އެ ޕާޓީން ދިޔައީ ބުނަމުންނެވެ.
އެމްޑީޕީން ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ މާލޭގައި މުޒާހަރާ ކުރަން ތައްޔާރުވަމުންދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިން ހިންގި 2.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވެސް، ދާދި ފަހުން އާއްމު ކުރި އޮޑިޓް ރިޕޯޓާއެކު ވަނީ ފަޅާ އަރައިފައެވެ.
މި ރިޕޯޓު ނެރުމުން، އެމްޑީޕީން ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލަން ނުކުތުމަށް ނިންމި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ.

