ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އިގްތިސާދު އަންނަނީ ރަނގަޅު ވަމުން ކަމަށާއި، ރާއްޖޭގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރި ހާލަތު ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން، އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ، ރާއްޖޭގެ އި ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވައި، އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށްވެސް މިނިސްޓަރ އަމީރު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މިއަދު ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވަނީ، އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަދަދަކީ، ކުރިންވެސް އަންދާޒާކޮށްފައިވާ އަދަދުކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތުގެ މައްޗަށް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.