ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ކުރިއަރާ ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

Ads by Asuru

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ފޮނުއްވި ތަހުނިޔާގައެވެ.

ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގު ތާރީހެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން މިއެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.