އިންޑިއާގެ އަސްކަރީ ސިފައިން، ދިވެހ ފަސްގަނޑުން ޖެހޭނީ ފައިބާން ކަމަށް ވިދާޅުވާ ވާހަކަ، ރައީސް ޔާމީން އަބްދުލްގައްޔޫމް ތަކުރާރު ކުރައްވައިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް މިފަދައިން ވިދާޅުވެފައިވަނީ، ރޭ ހއ.ކެލާގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

”މިތާގަ މިވާހަކަ ދައްކާއިރު، ދުރަކު ނޫން، އިންޑިއާގެ އަސްކަރިއްޔާ މަރުކަޒުވެފައި ތިބީކީ. ކެލައަކަށް މިއީ އާ ކަމެއް ނޫން. ވަށަފަރު ރައްޔިތުންނަށް، ފިއްލަދޫ ރައްޔިތުންނަށް، ހަނިމާދޫ ރައްޔިތުންނަށް އަޅުގަނޑު މިދައްކަނީ އާ ވާހަކައެއް ނޫން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ސިފައިން، ބަޑި ހިފައިގެން ފޯރިމަރަން އުޅޭ މަންޒަރު، ސިޔާސީ ލީޑަރުންނަށް ނުފެނިދާނެ ކަމަށާއި، އެހެންނަމަވެސް، އެމަނިކުފާނު މިވާހަކަ ދައްކަވަނީ، އިންޑިއާ އާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ފެނިވަޑައިގެންފައިވާތީ ކަމަށެވެ.

”ސަރުކާރުން އެދެވޭ ގޮތެއްގައި ޖަވާބުދާރީއެެއް ނުވެވުނު އެކަންކަމަކަަށް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ މައްސަލައިގައި ދިވެހި ސަރުކާރުން ހަދަނީ ދޮގު މައްޗަށް ދޮގު ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިންވެސް ވަނީ، ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައި، އެގައުމާއެކުގައި ދިވެހި ސަރުކާރުން އެކުލަވާލާފައިވާ، ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްބަސްވުންތައް އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.