ދިވެހީންގެ ތެރެއިން ބަޔަކު، ސިހުރު ހެދުން ޕްރޮމޯޓްކޮށް، އެކަން ޓެލެގްރާމް ޗެނަލްއެއްގައި އުނގަންނައިދޭ މައްސަލައިގައި ”ދި އިސްލާމިކް އެކްސޯސިޒަމް“އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Asuru

އެޖަމުއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިންގެ ތެރެއިން ބަޔަކު އިސްވެތިބެ ޓެލެގްރާމް ޗެނަލެއްގައި ސިޙުރު ހެދުމަށް ދަޢުވަތު ދީ، އެކަން އިޝްތިޙާރުކޮށް، ވިޔަފާރި އުސޫލުން އެކަން ކޮށްދިނުމަށް ފާޅުގައި އިޢުލާނު ކުރަމުންދާކަން ޢާއްމުންގެ ތެރެއިން ބަޔަކު ވަނީ އެޖަމުއިއްޔާގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. އެހެންކަމުން މިކަމުގެ ހަޤީޤަތް އިތުރަށް ދިރާސާކޮށް ހޯދި ހޯދުމުން  ޖަމްޢިއްޔާގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތައް ބަޔާނުގައި ވަނީ ހިއްސާކޮށްފައެވެ.

”ޓެލެގްރާމް ޗެނެލްގައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ޗެނެލް ހިންގާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާޅުގައި އިޝްތިޙާރުކޮށް ހަދަމުންދަނީ ލޯބި ޖައްސާ ސިޙުރާއި، ވަރިކޮށް ދުރުކުރުވާ ސިޙުރާއި، ސިޙުރުން ސިޙުރު ރައްދުކުރުމާއި، ސިޙުރުން ސިޙުރު ބާޠިލް ކުރުމާއި، ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަމެވެ.“ ބަޔާނުގައިވެއެވެ.

އެކްސޯސިޒަމްގެ ބަޔާނުގައި ވަނީ، ރިޒްޤު ތަނަވަސްކޮށްދޭނެ ކަމަށް ބުނާ ސިޙުރާއި، ގެެއްލިފައިވާ ތަކެތި ހޯދިދާނެކަމަށް ބުނާ ސިޙުރާއި، ސިޙުރު ހަދާ މީހާ ހޯދައި، އެމީހަކަށް އަދަބު ދޭގޮތަށް ހެދޭނެ ސިޙުރު ކަމަަށްވެސް އެ ޗެނަލްގައި ހާމަކޮށްފައިވާ ކަމަށާއި، ޒަވާޖީ ހަޔާތުގައި ކުރިމަތިވާ އެންމެހައި މައްސަލަތައް ސިޙުރުން ޙައްލުކޮށްދިނުމާއި، ގޭގެއަށް ހަދާފައިވާ ސިޙުރު، ސިޙުރުގެ ޒަރީއާއިން ބާޠިލްކުރެވޭނެ ކަމަށާ އަދި ޢަދާވާތްތެރިންނާއި، ހަސަދަވެރިންގެ ނަމާއި އެމީހުންގެ ސިފައާއި ފުރިހަމަ ވަނަވަރު ހާމަކޮށްދޭނެ ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

”އަދި އެންމެ ނުރައްކާތެރިކަމަކީ، މި ޗެނަލްގައި މިފަދަ ހުރިހާ ސިޙުރުތައް ހެދުމަށް ބޭނުންކުރަމުންދާކަމަށް ހާމަކޮށްފައިވާ ފޮތަކީ، ދުނިޔޭގައި ސިޙުރުވެރިން ސިޙުރު ހެދުމަށް ބޭނުންކުރަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ގެއްލުން ދެނިވި ސިޙުރުތައް އެކުލެވިގެންވާ އެއް ފޮތް ކަމުގައިވުމެވެ.

ހަމަ މިއާއިއެކު، ފާޅުގައި މި ފޮތުގައި ހުރި ސިޙުރުތައް މީހުންނަށް އުނގަންނައިދީ، މިކަން ދަސްކޮށްދިނުމަށް ހިއްވަރުދިނުމަށް ޗެނަލްގައި ގޮވާލާފައިވުމަކީ ވަރަށް ބިރުވެރި އަދި އެހާމެ ފިތުނަ ފަސާދަތައް ޢާއްމުވެގެންދާނެ ކަމެކެވެ. އަދި  އަޅުގަނޑުމެން ބެލި ބެލުމުން، މިހާތަނަށް، ޖުމްލަ 600 އަށް ވުރެ ގިނަ މީހުން މި ޓެލެގްރާމް ޗެނެލްގައި އެބަ ތިއްބެވެ. ހަމަ އެހެންމެ މި ޗެނެލް ހިންގާ ފަރާތުން، އަމިއްލަ ނަމުގައިވެސް ސިޙުރު ހަދަން ދަސްކޮށްދިނުމަށް އިތުރު ޓެލެގްރާމް ޗެނެލެެއް ވެސް ވަނީ ހަދާފައެވެ. މި ޗެނެލްއަށް މިހާތަނަށް 11 ފަރާތަކުން ސަބްސްކްރައިބް ކޮށްފައިވެއެވެ.“ އެ ޖަމުއިއްޔާއިން ބުނެފައިވެއެވެ.

އެކްސޯސިޒަމްއިން ބުނީ މިފަދަ ކަމަކާއި ގުޅިގެން އެ ޖަމުއިއްޔާއިން، މިއަހަރު ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހު ނެރެފައިވާ ބަޔާނުގައި މިކަންކަމުގެ ނުރައްކާތެރިކަން ހާމަކޮށް ގެނެސްދީފައިވާނެ ކަމަށެވެ.

މިގޮތުން މަތީގައި ސިހުރުން ކަންކަން ހާސިލު ކުރުމަކީ، ޝިރުކުގެ ޢަމަލުތަކެއް ކަމަށާއި، ޝިރުކަކީ އެންމެ ބޮޑު ފާފަކަމަށާއި، ޝިރުކު ކުރާ މީހުން އިސްލާމްދީނުގެ މިއްލަތުން ބޭރެވެގެން ދާނެ ކަމުގައި ޢިލްމުވެރިން ފަތުވާ ދެއްވާފައި ކަމުގައިވެސް ތަފްޞީލުކޮށްދީފައިވާނެ ކަމަށް ބަޔާންކޮށް، ބައެއް ދަލީލުތައްވެސް އެޖަމުއިއްޔާއިން ހިއްސާކުރިއެވެ.

އެކްސޯސިޒަމްގެ ބަޔާނުގައި ހިއްސާކުރި ދަލީލުތައް ތިރީގައި އެވަނީއެވެ.

ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ފާލުބަލާ މީހެއްގެ ގާތަށްގޮސް، އެމީހެއްގެ ގާތުން ކަމެއް އަހައިފި މީހެއްގެ ނަމާދު ސާޅިސް ރޭ ވަންދެން ޤަބޫލުނުކުރެވޭނެއެވެ (1).

އަދިވެސް އެެކަލޭގެފާނު ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ކާހިނެއް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށްގޮސް، އެމީހަކު ބުނާއެއްޗެއް ޤަބޫލުކޮށްފި މީހަކު، ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށް ކާފިރުވެއްޖެއެވެ“.(2)

މިހަދީޘްގައިވާ “ ބާވާލެއްވުނު އެއްޗަށް “ ގެ މުރާދަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ(3).

ހަމަ މިބީދައިން، ސިޙުރުވެރިންވެސް ސިޙުރު ހަދަނީ ޝައިޠާނާގެ ވާގިވެރިކަންހޯދާ ކުފުރާއި، ޝިރުކާއި އަދި މުޑުދާރު އެތައް ކަންތައްތަކެއް ކޮށްގެންނެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

” … سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ…. ” (سورة البقرة 102 )

” …… ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ…. ” ( سورة البقرة 102 )

ހަމަ މިއާއެކު މި ޗެނެލްގައި އިސްތިރި ނުވަތަ ލޯބި ޖައްސާ ސިޙުރު ހެދުމަށް ވަކިން ބޮޑަށް މީހުންނަށް ހިއްވަރު ދީފައިވެއެވެ. މިއީ ސިޙުރު ނޫންކަމަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ދެކެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުން ސާބިތުވެއެވެ. عبد الله بن مسعود رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ.

“ إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ “ ( 4 )

މާނައަކީ:

“ހަމަކަށަވަރުން މެތުރުމާއި (ޝިރުކު އެކުލެވޭ ރުޤްޔާތައް) ތަވީދާއި އިސްތިރި (ލޯބި ޖެއްސުމަށްޓަކައި ހެދޭ ސިޙްރު ނުވަތަ ފަންޑިތަ) އަކީ ޝިރުކެކެވެ.”

މި ހަދީޘް ގައި ވާ ” الرُّقَى ” މި ކަލިމައިގެ މާނައަކީ ކިޔެވެއްޔާއި މެތުރުމެވެ. މިތަނުގައި ޝިރްކުގެ  ޢަމަލެއްކަމުގައި އަންގަވާފައި އެވަނީ ޖިންނި ޝައިޠާނުންގެ ކިބައިން މަދަދާއި އެހީއަށް އެދުން ފަދަ ކިޔެވެލި ކިޔެވުމާއި ސިހުރު ހާހޫރައިގެ ތެރޭގައި ހިމެނޭ ފަދަ މާނަ ނޭނގޭ ނުވަތަ ޝިރްކު އެކުލެވިގެންވާ ފަދަ މެތުރުންތަކެވެ.
އަދި ހަދީޘްގައި ވާ ” التَّمَائِمَ ” އަކީ ” تميمة ” ގެ ޖަމްޢުއެވެ. އެއީ ހަށިރައްކަލަށްޓަކައި އެޅޭ ތަވީދާއި ބަޑިއާއި އުޅައާއި ރޮދިފަދަ އެއްމެހައި ތަކެއްޗެވެ.