2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެނަަމަ، ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގެންފިއެެވެ.

Ads by Asuru

ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ދިއްދޫ ދާއިރާގެ ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ގޮނޑި އެމްޑީޕީ އަށް ދިނީ ވަރަށް އުއްމީދުތަކަކާ އެކުގައި ކަމަށާއި، ނަމަވެސް ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ނުޖެހުނު ކަަމަށް ވިދާޅުވެފައެވެ.

އެ އުއްމީދުތައް ނުފުދުމުން ރައްޔިތުން އަނެއްކާ ވެސް ކަންތައްތައް ކޮށްދޭން އެމަނިކުފާނުގެ އަރިހުގައި ދަންނަވަމުން އަންނަ ކަމަށާއި، ޕީޕީއެމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ.

”އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމު ވެސް ދިއްދޫ ފަޅު ހިއްކާފައި، އެއާޕޯޓެއް އަޅާދީފައި،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މި ވައުދު ވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި، ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެއާޕޯޓްތައް އަޅުއްވައިދެއްވިއެވެ.