ސިއްހީ ހާލަތަށާއި، ސިފައަށް މަލާމާތް ކުރާނީ، އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ”ދިވެހީންގެރާއްޖެ“ ޖަލްސާގައެވެ.

އެންސްޕާގެ ސީއީއޯ ހީނާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަމުންދާ ފަރާތެކެވެ.

ރޭގެ ޖަލްސާގައި ހީނާ ވިދާޅުވީ އަންހެނަކަށްވީތީ އޭނާއަށް ސިޔާސީ ގޮތުން ފުރައްސާރަ ކުރަމުންދާ ކަމަށާއި، އޭނާގެ ސިފައަށްވެސް ހަޖޫޖަހުންދާކަމަށެވެ.

”އަޅުގަނޑަށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ.“ ހީނާ ވިދާޅުވިއެވެ.

ޒާތީވެ، އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރުވެސް ނެތުމުން ކަމަށް ހީނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވަނީ އާއިލާއާއި ދަރިން ދޫކޮށްކަން ފާހަގަކުރައްވައި ހީނާ ވަނީ، ޕީއެންއެފް ޖަލްސާތަކުގައި އޭނާއަށް ހަޖޫޖަހައި މަލާމަތްކުރަނީ އެ މަސައްކަތުގެ އަގު ވަޒަން ނުކުރާތީކަމަށް ވެސް ވިދާޅުވެފައެވެ.