ހުޅުމާލޭގެ އެމްޕީއެލް ޕޯޓުގައި ހުއްޓައި ސިނގިރޭޓު ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުހައްމަދު އަލަމިން މިއާއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރުމުން އެ މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ހުޅުމާލޭ ޕޯޓުން ވަގަށް ނަގައިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅި މިދިޔަ މަހުގެ 9 ގައެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ދެ ވިޔަފާވެރިޔަކު ވެސް ހިމެނެއެވެ.

އެއީ މަޝްހޫރު ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އެވެ.