ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ  އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތްތަކާ ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ ސާޖިދާއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއީ، ފުރަތަމަ ފަހަރަށް، ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދެވޭ މާސްޓަރސް ފެންވަރުގެ 40 ސްކޯލަރޝިޕްކަން ފާހަގަކުރެއްވިއެވެ.

އަދި މިއީ، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ ޕްރޮގްރާމު ކަމަށްވާތީ، މި ރަސްމިއްޔާތަކީ ވަރަށް ތާރީހީ ރަސްމިއްޔާތެއްކަން ފާހަގަކުރައްވައި، މިއަދު ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެކަމަނާ ވަނީ ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވާފައެވެ.

އަދި މި ލިބުނު ރަނުގެ ފުރުސަތު ހަގީގަތަކަށް ހެއްދުވުމުގައި ސާބިތުވެ ތިއްބެވުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި ތަރިކައިގެ ފުރަތަމަ ސިގްނޭޗަރ ރިސަރޗް ޕްރޮގްރާމު ފެށިގެންދާއިރު، ތަރިކައަކީ ކޮބައިތޯއާއި އޭގެ މާނައަކީ އަދި ބޭނުމަކީ ކޮބައިތޯއާއި، އޭގައި ހިމެނޭ ބާވަތްތަކަކީ ކޮބައިތޯ ސުވާލުކުރުން މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ.

ތަރިކައިގެ ދާއިރާގެ ސުވާލުތަކެއް އެކަމަނާ ފާހަގަކުރެއްވީ، އަޅުގަނޑުމެންގެ ހަނދާނުގައި ވެސް ރާއްޖޭގެ އެތައް ތަރިކައެއް ނެތި ގޮސްފައިވާތީ ކަމުގައި ވިދާޅުވިއެވެ.

އެ ތަރިކަތައް ނައްތާލެވިފައިވާތީ، ކަންބޮޑުވެ އެ ކަންކަން ހުއްޓުވަން މާ ބޮޑު މަސައްކަތްތަކެއް ރަށު ފެންވަރުގައިވެސް އަދި، ޖަމާޢަތުގެ ފެންވަރުގައިވެސް ކުރެވިފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޒަމާނަށް ބަލާއިރު، ދިވެހީންގެ މާދަރީ ބަހަށް ވެސް، ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ ކަމަށާއި، ދިވެހި ބަހަށްވުރެ، ބޭރުގެ ބަސްބަހަށް ފަރިތަ، ޖީލެއް އަޅުގަނޑުމެންނަށް ފެންނަމުން އެބަދާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހި ތާރީހާއި ތަރިކަ، މިޖީލުގެ ކުދިންނަށް ދޭހަނުވާ ކަމަށާ އަދި އެކަމުގެ މުހިންމުކަންވެސް އިޙްސާސްވާންވީ ފަރާތްތަކަށް އިހުސާސްވޭތޯ އެކަމަނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

އަޅުގަނޑުމެންގެ ހާލަތު މި ގޮތަށް ބަދަލުވަމުންދާއިރު، ދުނިޔޭގެ އެހެން ގައުމުތައް ބަދަލުވަނީ މިހެން ނޫންކަމާއި، ކުރިއަރަން މަސައްކަތްކުރާ ހުރިހާ ގައުމުތަކަކުންވެސް އެބައެއްގެ މާދަރީ ބަހުން ވިސްނުމަށާއި، މާދަރީ ބަހަށް އިލްމުތައް ގެންނަން މަސައްކަތްކޮށް، ޖީލުތައް އެ ގޮތަށް ބިނާކުރަން މަސައްކަތްކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދާރުލްއާސާރުތައް އިތުރުކޮށް ޒަމާނީ ފަންނިއްޔާތުގެ އާ ގޮތްތައް ބޭނުންކޮށްގެން އެ ގައުމެއްގެ އަންޒަމާނުން ފެށިގެން މާޒީ، ޖީލުން ޖީލަށް ރައްދުކޮށްދޭ ކަމުގައިވެސް އެކަމަނާ ވިދާޅުއިއެވެ.

ކޮންމެ ބަޔަކުވެސް ކުރިއަރަން މަސައްކަތްކުރާއިރު، އެބައެއްގެ އަސްލުތައް ކަށަވަރުކޮށް ދަމަހައްޓާކަމަށާ، މާދަރީ ބަހާއި، ދީނާއި، ސަގާފަތާ، އާދަކާދަޔާއި، ތާރީހާއި ތަރިކަތަކަށް އިލްމީ ލެންސްތަކުން ބަލައި، އެ ގައުމެއްގެ މުސްތަގުބަލުގެ ބިންގާ، މި އަސާސްތަކުގެ މަތީގައި އިމާރާތް ކުރާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ގައުމީ އަސްލުތަކުގެ ޙާލަތަށް ބަލާއިރު، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި، އެގޮތުން ދިވެހިބަސް ވަނީ، އާ ޖީލުގެ ހިތްތަކާއި ދޫތަކަށް އަލުން ގެންނަން ޖެހިފައިކަމަށް އެކަމަނާ ވިދާޅުވިއެވެ.