މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

