މާލޭގެ ގެއެއްގެ ތެރޭގައި ގަދަކަމުން ހިފަހައްޓައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މިފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މިދިޔަ ހަފްތާގައި މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.