އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން  ފާސްކޮށްފިއެެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.
ގިނަ މިނިވަން މުއައްސަސާތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު ކުޑަ ކަމަށްބުނެ، އެ މުއަައްސަސާތަކުގެ ބަޖެޓް އިތުރަށް ބޮޑުކޮށްދޭން އެ މުއައްސަސާތަކުން ކޮމިޓީގައި އެދިފައިވެއެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން އޮތުމުން، މިނިވަން މުއައްސާތަކުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް، އެ މުއައްސަސާތަކުން އެދުނު އަދަދުތަކަށް އިތުރަށް ފައިސާ ދެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް މަޖިލިސް އިދާރާއިން އިތުރުކޮށްދިނުމަށް އެދިފައިވާ 3.5 މިލިއަން ރުފިޔާ މަޖިލިސް ބަޖެޓަށް އިތުރުކޮށްދޭން ނިންމާފައިވެއެވެ.