ރާއްޖޭގެ ހުރިހާ ބައިނަލްއަގުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، 1 ޖަނަވަރީ 2026 ގެ ކުރިން، އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފެށޭނެ ކަމުގައި ވިދާޅުވެފައެވެ.

އަދި 2026 ވަނަ އަހަރު އަންނަން ވާއިރަށް، ދިވެހިރާއްޖޭގެ އެންމެހާ ބައިނަލްއަގުވާމީ ވައިގެބަނދަރުތަކަށް މި ހިދުމަތް ފުޅާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން، ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒްކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށް، 26 ޖުލައި 2025 ގައި ހުޅުވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު، މިފަދަ ޒަމާނީ ގިނަ ހިދުމަތްތަކެއް ވަނީ ރާއްޖެއަށް ތައާރަފުކުރެވިފައެވެ.

އަދި ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.