މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ.
ރައުދުގެ މައްޗަށް ދައުވާކުރަން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް ރައުދު އިއުތިރާފްވީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައެވެ.
އެހެންވެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ހުކުމް އަންނަ ހަފުތާގައި އިއްވަން މިހާރު ވަނީ ހަމަޖައްސައިފައެވެ.
އަވަސްނިޔާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
ރައުދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި ރައުދު ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ އެ އަދަބަށްވުރެ ގިނަ ދުވަހު އޭނާ ޖަލުގައި ހުންނަން ޖެހިދާނެތީއެވެ.
އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހުއެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ މެއި 27 ވަނަ ދުވަހުއެވެ.
ރައުދުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައިގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ރޭ ބުނެފައިވެއެވެ.
”ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް މި އޮފީހުން ވާނީ ނިންމާފަ.“ ޕީޖީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

