ބަންގްލަދޭޝްއަށް 5.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ކުޑަ ހިނދުކޮޅަކަށް ދެމިގެންދިޔަ، އެހެންނަމަވެސް ބާރުގަދަ މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ނަރްސިންގްޑީ ކައިރިއަށް، މިއަދު ހެނދުނު 10:39ގައެވެ. މިއީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މި ބިންހެލުމުގައި ފަސް މީހުން މަރުވެ، 100އެއްހައި މީހުން ޒަހަމްވެފައިވެއެވެ. މި ބިންހެލުމުގެ ލޮޅުމުގެ އަސަރު، ބަންގްލަދޭޝްގެ އަވަށްޓެރި އިންޑިއާގެ ބައެއް ހިސާބުތަކަށް  ވެސް ކޮށްފައިވެއެވެ. ނަމަވެސް އެ ސަރަހައްދުތަކުގެ އިމާރާތްތަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ބިންހެލުމާ ގުޅިގެން، ބޮޑު އާބާދީއެއް އޮންނަ ޑާކާގެ ގިނަ އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ.

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި ޑާކާ ޔުނިވަރސިޓީގެ ދަރިވަރުންނާއި، ފެކްޓްރީއެއްގައި މަސައްކަތް ކުރަމުންދިޔަ ބަޔަކު ވެސް ހިމެނެއެވެ. އެ މީހުން މަރުވި ގޮތެއް ސާފެއް ނޫނެވެ.

ބިންހެލުމާ ގުޅިގެން ބޭރުގެ މީޑިއާތަކާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ، މިވަރުގެ ލޮޅުމެއް ހަޔާތުގައި ވެސް އިހުސާސް ނުކުރާ ކަމަށާއި، ގެއިން ބޭރަށް ނުކުތީ އެމީހުން ތިބި އިމާރާތްތަކުގެ ފަރުނީޗަރުތައް ތެޅެން ފެށުމުން ކަމަށެވެ.

އަދި ބޭރަށް ނުކުތުމުން، އެހެން މީހުން ވެސް، ބިރުން ބޭރަށް ނުކުމެ ތިބި މަންޒަރު ފެނުނު ކަމަށް އެމީހުން ކިޔައިދީފައިވެއެވެ.