މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 1 އިން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާޙިލް (18އ)އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން ކަމަށެވެ.

އެގޮތުން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން އޭނާ ހުއްޓުވާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ބުނީ، ބަސްޓޮޕް ކައިރިން ޙަސަން ނާޙިލް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މިތަކެތީގެ ބަރުދަނަކީ 31.23 ގްރާމެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.