ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައެވެ.

ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ.

އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.

މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެކެވެ.