މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ހައްލުކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން ހާމަކުރައްވައި، ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނެ ވައުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ.

އެކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.

އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންވަނީ، ސިންދަފާތު ދާއިރާތަކުން ހިޔާލު ހުށަހަޅުއްވައި ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އެގޮތުން، މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތައް އަދި ޕަބްލިކް ވަރކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި ހިޔާލުތައް ހިމެނެއެވެ.

ބައެއް ކަންކަމަށް ވަކި ވަކީން ބައްލަވާލައްވަމުން އެމަނިކުފާނު ވަނީ، ޕަބްލިކް ވަރކްސް ހިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކުރައްއްވާފައެވެ.

އަދި އެފަދަ މަސައްކަތްތައް ސިޓީ ކައުންސިލުން ނުކުރާނަމަ، ސަރުކާރުން އިސްނަގައިގެންވެސް މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާކަމަށާއި، މަސްވެރިންގެ ފައިސާގެ ކަންތައް ހައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާ ދެއްކުންވެސް ހަމައަކަށް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.