ގދ. ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެ ރަށު ކައުންސިލުން ހަދައިފިއެވެ.

ތިނަދޫއިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ރަށުގެ އާބާދީ ހިފެހެއްޓުމުގެ މަގުސަދުގައި، ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކައުންސިލުން ފާސްކޮށްފައިވާ ނިންމުމާ ގުޅޭ އިޖުރާއަތުތައް ފުރިހަމަނުކޮށް ފީ ނަގަމުންދާތީ އެކަން އިސްލާހު ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވާ ކަމަށެވެ.

އެލްޖީއޭގެ އެންގުމުގެ ސަބަބުން 5،000 ރުފިޔާގެ ފީ ނެގުން ހުއްޓާލައި، ފީ ނެގުމާ ގުޅޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިފައިވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެ ބައްދަލުވުމުގައި ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދުތަކުގެ ގޮތުގައި 0 އިން ފެށިގެން 5،000 ރުފިޔާއާ ދެމެދު ފީ ހިމެނޭ ގޮތަށް އިހުތިޔާރު ދެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، ރައްޔިތުންގެ ހިޔާލަށް މި މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ބައްދަލުވުމުގެ ގިނަ ބައިވެރިންނަށް ފެނުނީ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ، 16 ނޮވެމްބަރު 2025 އިން ފެށިގެން ތިނަދޫސިޓީގެ ރަށްވެހިކަމުން އުނިކުރަން އެދޭ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގާ އިއުލާނު ކުރާ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.