މި ހަފުތާގައި ވިލިމާލޭގައި ބޭއްވި ބައްދަލުވުމެއްގައި އެ އަވަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ވިލިމާލޭގެ ގެތަކަކަށް ގެއްލުންވާ ގޮތަށް ހުންނަ ބޮޑު ދެ ނިކަގަހެއް ކެނޑުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ.
ގަސް ކެނޑުމާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ އާންމު އުސޫލުން ބަލާ އިރު، މުޖުތަމައަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.
ވަކިން ހާއްސަގޮތެއްގައި އެ ގަހަކުން އިންސާނުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށާއި ހަނގުރާމައިގެ ހާލަތުގައި ގަސްގަހާގެހި ކެނޑުމަކީ ވެސް މަނާކުރައްވާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ނަމަވެސް މީސްތަކުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާ ގެހި، ނުވަތަ ގެއްލުންވާގޮތަށް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަކަމެކެވެ.
އަދި ކިއެއްތޯއެވެ. ސަވާބު ވެސް ހުރިކަމެކެވެ. ތިމާވެށި ރައްކާތެރިކުރުމަކީ ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށް ވީއިރު ވެސް، އާންމު އުނދަގުލަކަށްވާ ގޮތަށް ނުވަތަ މީސްތަކުންގެ ގެއާއި ގެދޮރަށް ގެއްލުންވާ ގޮތަށް ނުވަތަ ހިނގާބިގާ އުޅޭ މީހުންނަށް ގެއްލުންވާގޮތަށް ހުންނަ ގަސްގަހާ ގެއްސާއި އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒުކަމެކެވެ..“ ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ގެއްލުމުގެ ކުޑަ ބޮޑު މިންވަރަށް ބަލައި ކުރުން ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.
އަދި ކީރިތި ރަސޫލާ(ސ.އ.ވ)ގެ ސުންނަތުން ވާރިދުވެފައިވާ ހާދިސާއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، (އެހެން ރިވާޔަތެއްގައިވާ ގޮތުން) ގެއްލުންވާގޮތަށް ހުރި ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަހުމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އުސޫލު ފިގުހުގެ ގަވާއިދެއްގައި އައިސްފައިވެއެވެ. (الضَّرَرُ يُزَالُ) މާނައީ (ގެއްލުން ފިލުވައިލުން ހުއްޓެވެ). އިސްލާމީ ޝަރީއަތުގެ އުސޫލުތައް ބިނާވެގެންވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަސްލަހަތު ދެމެހެއްޓުމުގެ މައްޗަށެވެ..“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ގަހެއް ދެމެހެއްޓުމާއި ނުދެމެހެއްޓުން ބިނާވެގެންވަނީ އެއިން ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ކަމަށާއި އެއްޒަމާނެއްގައި ފައިދާލިބޭ ގަހެއް، ފަހުން އެހެން މަސްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެ ކަމަށެވެ.
ނުވަތަ އެ ގަސް އެހެން ތަނަކަށް ނަގުލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކީރިތި ރަސޫލާގެ މިސްކިތް ބިނާކުރެއްވީ އެތަނުގައި ހުރި ގަސްތައް ކަނޑުއްވާލައްވާފައި ކަމަށާއި ޔަހޫދީންގެ ގަބީލާއެެއްކަމުގައިވާ ބަނުއްނަޟީރުވަންހައިގެ މީހުންގެ ގަސްތައް ކެނޑުއްވުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރުކުރެއްވި ކަމަށެވެ.
އެއީ އެމީހުންގެ އުނދަގުލުން ސަލާމަތްވުމަށާއި އެމީހުން މުސްލިމުންނަށް ގެއްލުންދޭތީވެ އެމީހުން ބަލިކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އާންމު އުނދަގުލަކަށްނުވާ ގޮތަށް ހުންނަ ގަސްގަހާގެހި ބަލަހައްޓައި އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ. ގަސް އިންދުމާއި ގަސްތައް އިތުރުކުރުމާއި ވަކިން ހާއްސަކޮށް މޭވާއާއި ހިޔާ ލިބޭ ގަސްގަހާގެހި ގިނަ ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިންމުކަމެކެވެ..“ ޝަހީމް ވިދާޅުވިއެވެ.


ދިރިއުޅޭނެ އަމިއްލަ ތަނެއް ހޯދުމުގެ ޝަރުތު ހަމަކުރަން އަނބިމީހާ ވަރިކުރަން ޖެހުމަކީ ދީނީގޮތުން ހުއްދަ ކަމެއްތޯ އެވެ.