ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ((އެޗްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

16 ގަޑިއިރަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރީ 100،000 ރުފިޔާއެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.

މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާއަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.

ތޫފާން ”ދިތުވާ“ގެ ސަބަބުން ލަންކާއިން 200އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.