ތެދު މައުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕެއިން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވަނީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އޭގެއިން ލިބޭ ގެއްލުން ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.

އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންނަށް އިވޭ އަޑަކީ އަހުމަދުގެ ކެފޭގައި އިބްރާހީމް މަސްތުވާތަކެތި ބޭނުންކުރަނިކޮށް ހައްޔަރުކޮށްގެން ގެންގޮސްފި. މައުލޫމާތަކީ އެއީ. އެ މައުލޫމާތު ލިބޭ ފަރާތުން ދެން މިލިޔަނީ އަހުމަދު މަސްތުވާތަކެތި ވިއްކަން ހުއްޓާ ހައްޔަރުކޮށްގެން ގެންގޮސްފިޔޭ. އެ ހިސާބުން އެ ބަދަލުވީ މިސްއިންފޮރމޭޝަނަކަށް. އެއީ އަހުމަދުގެ ވާހަކަ. އަނެކަކު އެ ވާހަކަ އަޑުއަހާފަ ލިޔުނީ އިބްރާހީމަކީ މަސްތުވާތަކެތީގެ އައްޑާއެއް ހަދައިގެން އޭގެ ވިޔަފާރި ކުރާ މީހެކޭ. އަހުމަދު ކަހަލަ ކްލައިންޓުންނޭ މިގެންގުޅޭނީ. އޭނައަށް ކަނޑައެޅިގެން އެނގޭ މީނައަކީ މިކަން ކުރާ މީހެއް ނޫންކަން. އެހެންނަމަވެސް އޭނާއަކީ ކެފޭއެއް ހިންގާ މިހަކަށްވާތީ އޭނަގެ ކެފޭ ނައްތާލަން މި ބޭނުންވަނީ. އެ ހިސާބުން އެ ބަދަލުވަނީ ޑިސްއިންފޮރމޭޝަނަކަށް. ކަނޑައެޅިގެން މައުލާތު ދޮގުކޮށް އެ ފެތުރީ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ތެދު މައުލޫމާތަށް ވުރެ ދޮގު މައުލޫމާތު ފެތުރިގެންދާ ގޮތް ވަރަށް އަވަސް ކަމަށް ވިދާޅުވެފައެވެ.

އަދި ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށާއި އަދި ދޮގު މައުލޫމާތު ފަތުރާކަމުގައި ވާނަމަ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީފައެވެ.