ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި މަސްތުވާތަކެތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި މަރުގެ އަދަބު ކަނޑައެޅޭނެއެވެ.
ބިލު މިއަދު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ބިލުގައިވާ ގޮތުން ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެއެވެ.
އޭގެ ތެރޭގައި، އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުމާއި، އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުމާއި، އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން ހިމެނެއެވެ.
ނަަމަވެސް ބިލުގައިވާގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމައެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ.
ބިލުގައިވާ ގޮތުން ޑްރަގު އެތެރެ ކުރުމުން، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ.

